ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް، އޭނާގެ އަތުން ފޭރެން އުޅުނު މައްސަލައިގައި ނޭޕާލް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ބިދޭސީ ފިރިހެނަކު އެ އަންހެން މީހާގެ އަނގަމަތީގައި އަތް އަޅައިގެން، އެ އަންހެން މީހާގެ ގައިމައްޗަށް އަރާ އިންނަަ މަންޒަރެވެ.
އެމީހާ ހުއްޓުވީ އެވަގުތު އެ މަންޒަރު ވީޑިއޯ ކުރި ދިވެހި ފިރިހެނެކެވެ. އެ އަންހެން މީހާގެ ފައިސާތައް ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް އުކާލާފައި ހުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:04 ހާއިރެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން 2026 ސެޕްޓެމްބަރު 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 24 އަހަރުގެ ނޭޕާލް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



