ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 27 އާ ހަމައަށް އިތުރުކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީ އިން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ނުރައްކާތެރި ކެމިކަލް ވިއްކާ ފަރާތްތަކުން އެކަމުގެ ހުއްދައަށް އެދުމަށާއި ނުރައްކާތެރި ކެމިކަލް ވިއްކުމަށް އެ ކެމިކަލްތައް ރައްކާކުރާ ތަންތަން މަކުޑި ޕޯޓަލްގައި ރެޖިސްޓްރީ ކުރެއްވުމަށް ދިން މުއްދަތު ހަމަވެފައިވީ ނަމަވެސް އެ ހުއްދަ އަށް އެދުނު އަދަދު މަދުކަމަށެވެ.
ޑިފެންސް މިނިސްޓްރީ އިން ބުނީ ކެމިކަލް ވިއްކާ ފިހާރަތައް ރަޖިސްޓްރީކުރުމާ އެކު ހުއްދަ ހޯދުމަށް އެދިފައިވާ އަދަދު ނިސްބަތުން މަދު ކަމަށް ފާހަގަވާތީ ކެމިކަލް ވިއްކުމުގެ ހުއްދަ ނަގައި އެ ކެމިކަލްތައް ވިއްކުމަށް ބަހައްޓާ ތަންތަން މަކުޑި ޕޯޓަލްގައި ރެޖިސްޓްރީ ކުރުމަށް އިތުރު އެއް މަސް ދޭން ނިންމާފައިވާ ކަމަށެވެ.
އެ މުއްދަތުގައި ކެމިކަލް ގުދަން ކުރުމުގެ ހުއްދައަށް އަދި ވިއްކުމުގެ ހުއްދަ އަށް ރެޖިސްޓްރީ ނުކޮށް ކެމިކަލް ވިއްކާ ނަމަ، ނުރައްކާތެރި ކެމިކަލާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި އެފަރާތްތަކަށް ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އިތުރަށް ނުދޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ.



