ގަވާއިދާ ހިލާފަށް ވިލިމާލެ ފަޅު ބޭނުންކުރި 12 އުޅަނދެއް މާލެ ސިޓީ ކައުންސިލުން ޖޫރިމަނާ 500 ރުފިޔާއިން ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ އުޅަނދުތަކަކީ ގަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ އޮޑިދޯނިފަހަރަށް ދަތިވާގޮތަށް، އުސޫލުތަކާ ހިލާފަށް ފަޅުތެރޭގައި އަޅާފައި އޮތް އުޅަނދުތަކެއް ކަމަށެވެ.
ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި އެ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވަނީ ފަޅު ބޭނުންކުރާ އެހެން މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ވަނީ ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކަށް އިހުތިރާމްކުރަން އިލްތިމާސް ކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް ހުންނަ އުޅަނދުތަކާމެދު ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.



