އަމީނީ މަގުގެ މަރާމާތުކުރަމުންދާ ސަރަހައްދުގެ ދެވަނަ ބައިގައި ވެސް ތާރު އަޅާ ނިންމާލައިފިއެވެ.
އަމީނީ މަގު އަލުން ހަދަން ފެށީ ހާބަރު ފުޑްކޯޓު ސަރަހައްދުގައި ”މުލިހި“ތަކެއްހެން ތާރުގަނޑު އުފުލިފައިވުމުގެ ސަބަބުން، އެ މަގުން ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ.
އެ މަސައްކަތް ކުރާ ސަރުކާރު ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ބުނީ، އަމީނީ މަގުގައި އަލުން ތާރު އަޅައި އެ ސަރަހައްދު ތަރައްގީކޮށް ނިންމައިލުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
އެމްޓީސީސީއާ އަމީނީ މަގުގެ މަރާމާތުކުރަމުންދާ ސަރަހައްދުގެ މަސައްކަތް ހަވާލުކުރީ މިިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހެވެ. އެ މަސައްކަތް އޮގަސްޓު މަހު ފަށައި މި ހިނގާ ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށައިފައެވެ. ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމައިލައިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.




