މޮޅުވާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް، ޕަވަރ އަވަރ ސްޓޫޑިއޯއިން އައްޑޫސިޓީ މަރަދޫ އަދި ފޭދޫގައި ކަސްރަތު ކޭމްޕެއް ފަށަން ތައްޔާރުވެއްޖެއެވެ.
މާދަމާ ފެށޭ މި ކޭމްޕް ކުރިއަށް ދާނީ ދެ މަހުގެ މުއްދަތަކަށެވެ. ކޯހުގައި ބައިވެރިވުމުގެ ފީއަކީ މަހަކު 400 ރުފިޔާއާއި 600 ރުފިޔާގެ އަދަދެކެވެ. ފީ ކަނޑައެޅޭނީ އެމީހަކު ރެޖިސްޓްރީވާ ކްލާސްތަކަކުން ކަމުގައި ޕަވަރ އަވަރ އިން ބުނެފައިވެއެވެ.
މި ކޭމްޕުގައި ބައިވެރިވާ ފަރާތްތަކަށް ނިއުޓްރިޝަން ގައިޑެންސް ދިނުމާއި އެހެން މުއައްސަސާތަކާ ގުޅިގެން ދީނީ ސެޝަންތަކާއި ފައިދާހުރި އެހެން ސެޝަންތައް ނަގައިދިނުން ވެސް ހިމެނެއެވެ.

މީގެއިތުރުން މޫދާއި ޕޫލް ކަސްރަތުތައް ހިމެނުމުގެ އިތުރުން، މި ކޭމްޕް ނިމޭއިރު ބައިވެރިންނަށް ގޭގައި އަމިއްލައަަށް ސިއްހަތަށް ފައިދާހުރި ކާނާ ތައްޔާރު ކުރަން ދަސްކޮށްދިނުމާއި އަމިއްލައަށް ހެދޭނެ ވޯކްއައުޓްތައް ދަސްކޮށްދިނުން ވެސް ހިމެނެއެވެ.

މި ކޭމްޕްގައި ރެޖިސްޓްރީވުމަށް 9692132 ނަންބަރަށް ވައިބާ ކޮށްލުމަށް ޕަވަރ އަވަރ އިން އެދިފައިވެއެވެ.



