ދަރުމަވަންތަ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޑިޕާޓްމަންޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް، ނެވިގޭޝަން ޓެކްނޮލޮޖީގެ އެހީގައި ސިކުނޑީގެ އޮޕަރޭޝަނެއް އިއްޔެ ކާމިޔާބުކަމާއެކު ކޮށްފިއެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި، މިއީ ރާއްޖޭގައި ސިކުނޑީގެ ފަރުވާ ދިނުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި އޮޕަރޭޝަންގައި ބޭނުންކޮށްފައިވަނީ މެޑްޓްރޯނިކްސް ކުންފުނީގެ ”ސްޓެލްތްސްޓޭޝަން އެސް8“ ނިޒާމެވެ. މިއީ ސީޓީ އަދި އެމްއާރުއައި ސްކޭންތަކުގެ އެހީގައި ބަލިމީހާގެ ސިކުނޑީގެ އެތެރެ ވަރަށް ތަފުސީލުކޮށް ދައްކައިދީ، އޮޕަރޭޝަން ކުރާ ވަގުތު ސާޖަރީގައި ބޭނުންކުރާ އާލާތްތައް ހުރި ތަން ޓްރެކްކޮށްދޭ ކޮމްޕިއުޓަރު ނިޒާމެކެވެ.
މެޑްޓްރޯނިކްސްއިން ބުނާ ގޮތުގައި މި ޓެކްނޮލޮޖީ މަސައްކަތްކުރަނީ ސިކުނޑީގެ އޮޕަރޭޝަންތަކަށް ޚާއްސަ ޖީޕީއެސް ނިޒާމެއް ފަދައިންނެވެ. އޮޕަރޭޝަން ފެށުމުގެ ކުރިން ޑޮކްޓަރުންނަށް ބަލިމީހާގެ ސްކޭންތައް ބޭނުންކޮށްގެން އޮޕަރޭޝަން ކުރިއަށްގެންދާނެ މަގު ރާވާލެވެއެވެ. އަދި އޮޕަރޭޝަން ކުރަމުންދާ ވަގުތު، ސިކުނޑީގެ މުހިންމު ހިސާބުތަކަށް ގެއްލުން ނުވާނެހެން އަމާޒުކޮށްފައިވާ ތަނަށް ވާސިލުވުމަށް މި ނިޒާމުން މަގުދައްކައިދެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މި ޓެކްނޮލޮޖީ ތައާރަފުކޮށްފައިވަނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ޚާއްސަ ބަލިތަކުގެ ފަރުވާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެގޮތުން، މި އަހަރުގެ ފެބްރުއަރީ މަހު އައިޖީއެމްއެޗްގައި ވަނީ ”ނޭޝަނަލް ސެންޓާ ފޯ ނިއުރޯސައިންސަސް އެންޑް ސްޓްރޯކް“ ހުޅުވާފައެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި މި މަރުކަޒުގެ ބޭނުމަކީ ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތަކާއި ސްޓްރޯކްގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމެވެ. މި މަރުކަޒާއެކު، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާންޖެހޭ މިންވަރު މަދުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.



