ސޭފްޓީ އެންޑް ސެކިޔުރިޓީ ދާއިރާގެ އެންމެންގެ އަޒުމަކަށްވާންވީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމަށް ދިވެހިރާއްޖެ ހެދުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް، ފަޔަރ، ސޭފްޓީ އެންޑް ސެކިޔުރިޓީ އިންޑަސްޓްރީ، މަފްސީން އިންތިޒާމްކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސޭފްޓީ އެންޑް ސެކިޔުރިޓީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިހުސާން ވިދާޅުވީ ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެވެފައިވާއިރު ރާއްޖެ އަންނަ މެހެމާނުންގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުވެފައި އޮތުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސަރުކާރުގެ މުއައްސަސާތަކާއި ފަތުރުވެރިކަމާއި ސެކިޔުރިޓީ ދާއިރާގެ އަމިއްލަ ފަރާތްތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އާންމުކޮށް ފެންނަ ކުށްތަކުގެ އިތުރުން އަލިފާނާއި ކަނޑުމަތީގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކާއި ސައިބަރ އެޓޭކްތަކާއި އޮންލައިންކޮށް ހިންގާ ފްރޯޑް އަމަލުތަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއި އާންމު ސިއްޙަތާ ގުޅުންހުރި ކަންކަމަކީވެސް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަންކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކަންކަން ފެތުރިގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންވެ ކަމެއް ވުމުގެ ކުރިން އެކަމެއް ހުއްޓުވުމަށް ތައްޔާރުވެފައި ތިބުމަކީ މުހިންމު ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.


