ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މާލީ ބަޔާން ގާނޫނުގައިވާ ގޮތުގެ މަތިން މަޖިލިހުގެ އިދާރާއިން މިއަދު އާއްމުކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން، ކޮންމެ އަހަރެއްގެ އޮގަސްޓް 31 ގެ ކުރިން މެންބަރުންގެ މާލީ ބަޔާން ހުށަހަޅަންޖެހެއެވެ.
އޭގެ ތެރެއިން، ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނާ އެކު 91 މެމްބަރެއްގެ ބަޔާން މިހާރު ވަނީ ހުށަހަޅައިފައެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.
އެގޮތުން މެންބަރުންގެ އަމިއްލަ ނަމުގައި ހުރި މުދަލާއި ފައިސާ އަދި ވިޔަފާރީގެ ހިއްސާތައް ހާމަކުރަންޖެހެއެވެ. މާލީ ބަޔާން ހުށަހަޅާއިރު، މެންބަރުންގެ އަނބިދަރިންގެ މާލީ ބަޔާންތައް ވެސް މަޖިލީހަށް ހުށަހެޅިކަމުގައިވިޔަސް، އެ ބައި އާންމުންނަށް ފެންނާނެހެން ސައިޓުގައި އާންމުނުކުރަން ކޮމިޓީން ވަނީ 2020 ވަނަ އަހަރު ނިންމައިފައެވެ.
މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، މުއްދަތުގެ ތެރޭގައި ހުށަނާޅަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އަދި ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުﷲ ގެ މާލީ ބަޔާނެވެ.
އަންގާފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުމުން އިތުރު 15 ދުވަހުގެ ނޯޓިހެއް މަޖިލީހުގެ އިދާރާއިން އެ މެންބަރަކަށް ދޭނެ އެވެ. އެ މުއްދަތުގައި ވެސް ބަޔާން ހުށަނާޅައިފި ނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެންބަރެއްގެ ނަން ރަސްމީކޮށް އިއްވާނެ އެވެ.


