ފުޅާ ދާއިރާއެއްގައި ދަތުގެ ފަރުވާގެ ހިދުމަތް ކޮށްދެއްވި އަބްދުﷲ ސައީދު (ދަތްޖަހާ ސައީދު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދަތުގެ ފަރުވާ ދެއްވުމުގައި މުޅި ރާއްޖެއަށް މަޤުބޫލުވި ޚިދުމަތްތެރިޔާ ޢަބްދުﷲ ސައީދު އަވަހާރަވުމަކީ ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ސައީދުއަކީ ދިގު މުއްދަތެއްގައި ޞިއްޙީ ޚިދުމަތުގައި އުޅުއްވި ބޭފުޅެކެވެ. އޭނާއަކީ ދިވެހި މަސައްކަތްތެރިކަމުގެ އެކި ފަންނުތަކުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރައްވައިފައިވާ ހުނަރުވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ސައީދު އަވަހާރަވީއިރު އުމުރުފުޅުން 89 އަހަރެވެ. އޭނާ އަވަހާރަވީ އައިޖީއެމްއެޗްގެ އީއާރްގައި ފަސް ވަރަކަށް ދުވަސްވަންދެން ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 2:11 ހާއިރެވެ.
ސައީދުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ވަނީ ބާއްވާފައެވެ.
ސައީދަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަތުގެ ފަރުވާ ދިނުމުގެ ދާއިރާގައި މަޝްހޫރު އަދި ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯއްދެވި ބޭފުޅެކެވެ. ރާއްޖޭގައި ޒަމާނީ ދަތުގެ ފަރުވާ ދޭން ފެށުމުގެ ކުރިން، އާންމު ގޮތެއްގައި ދަތް އުފުރުމާއި ދަތްޖެހުމުގެ މަސައްކަތް ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ސައީދެވެ.
މި ދާއިރާއިން ތައުލީމީ ހާސިލުކޮށްގެން ތިއްބެވި ޑެންޓިސްޓުން ރާއްޖެއަށް ތައާރަފުވުމުގެ މާ ކުރިން، އާންމުންނަށް ދިމާވި ދަތުގެ ރިހުންތަކަށް ހައްލު ހޯދައިދެއްވުމާއި ރަންދަތް ޖަހައިދިނުން ފަދަ އާދަޔާހިލާފު ހުނަރުވެރި މަސައްކަތްތައް ސައީދު ކުރެއްވި އެވެ.
ދަތުގެ ހިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް މިދިޔަ ޖުލައި މަސް ތެރޭ ބޭއްވި ރަސްމިއްޔާތުގައި ސައީދަށް ވަނީ، މި ދާއިރާއަށް ދިގު މުއްދަތެއްގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ރާއްޖެއަށް ދަތުގެ ފަރުވާ ތައާރަފުކޮށްދެއްވި ބޭފުޅުންނަށް އެރުވި ހާއްސަ އެވޯޑެއް ވެސް އަރުވާފައެވެ.



