ޓްރެފިކް ގާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވާ މީހުންނާ ދެކޮޅަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ސޯޝަލް މީޑިއާގައި ރޭގައި އާންމުކުރެއްވި ސީޕީގެ މެސެޖެއްގައި އޭނާ ވިދާޅުވެފައިވަނީ، މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، ނުރައްކާތެރި އެކިއެކި ހާދިސާތައް ތަކުރާރުކޮށް ދޭތެރެއިން ހިނގަމުންދާ ކަމަށެވެ.
އެހެންކަމުން މަގުމަތީގެ އުސޫލުތަކާއި ޓްރެފިކް ގާނޫނާއި ގަވައިދުތަކަށް ތަކުރާރުކޮށް ޚިލާފުވާ މީހުންނާ ދެކޮޅަށް ޚާއްސަ ފިޔަވަޅުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެ ފިޔަވަޅުތަކުގެ މަގުސަދަކީ މަގުތަކަކީ އެންމެހާ ރައްޔިތުންނަށް ވެސް ރައްކާތެރި، އަމާން ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށެވެ. އަދި މަދު ބައެއްގެ ސަބަބުން ތަކުރާރުކޮށް ހިނގަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަކީ ވެސް އޭގެ މަގުސަދެއް ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި، އެ ފިޔަވަޅުތައް ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައެއްގައި އަޅަމުން ދިޔުމަށް ފުލުހުންގެ ކަމާ ބެހޭ އެންމެހާ ބަހާތަކަށް މިހާރު ވަނީ އަންގައިފައެވެ.
އެ ފިޔަވަޅުތައް ގްރޭޓާ މާލޭ އެރީއާގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް އަޅަމުން ގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ކަމުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހި ފުލުހުންނަށް ދިނުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވައިފައެވެ.



