ރާއްޖެއިން ބޭރަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ތިބި ބިދޭސީ ބައެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ފެނުނު މައްސަލާގައި ހައްޔަރުކުރި މީހުން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ކަމަށް ހާއްސަ ކޮށްފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 18 ގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަ ބިދޭސީއަކު އެއާޕޯޓުން ހިފަހައްޓައިފައެެވެ.
ބަންގްލަދޭޝްގެ އެ މީހުންނަށް ކުރަނީ މަނީ ލޯންޑްރިންގެ ތުހުމަތެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ:
° އެމްޑީ މޮހިއްދީން ޗޯދްރީ، 28އ
° ރަޖިބް، 31އ.
° އަޖްގޮރް މިރިދާ، 37އ.
° އެމްޑީ ޝަހިން މިއާހް، 46އ.
° މުހައްމަދު މައިނުއްދީން ސަލާހު، 35އ.
° މުހައްމަދު އަބްދުﷲ، 38އ.
ކޯޓު އަމުރުގައިވާ ގޮތުން އެމްޑީ މޮހިއްދީނަކީ މީގެ ކުރިން ވެސް އެފަދަ ގޮތްގޮތަށް ރާއްޖެއިން ފައިސާ ބޭރުކުރުމަށް މަސައްކަތް ކުރަމުން އައި ފަރާތެއްކަން ފާހަގަކުރެވިފައިވެ އެވެ. ރަޖިބުގެ އަމުރުގައިވާ ގޮތުން އޭނާގެ ފަރާތުން ބުނެފައިވަނީ އެ ތުހުމަތުކުރެވޭ މައްސަލައާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.


