މާލޭގެ އަމީނީމަގުގައި މަރާމާތު ކުރަމުން އަންނަ ބައިގެ ފުރަތަމަ ސެގްމެންޓާއި ދެވަނަ ސެގްމެންޓު އަންނަ އާދިއްތަ ދުވަހު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސެގްމެންޓް 2 ގައި ހިމެނޭ، ހުންގާނު ފިހާރައާ ހަމަށް ތާރުއަޅައި ނިންމާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ދިވެހިރާއްޖޭގެ އަޑަށް ވަންނަ ގޭޓާ ދިމާލުން ކަންމައްޗަށް ހުންނަ ފިހާރައާވީ ސަރަހައްދެވެ. ސެގްމެންޓް 1 ގެ ދަށުން ވަނީ އެ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާވީ ދިމާލުގައި ތާރުއަޅައި ނިންމާލައިފައެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އަންނަ މަހުގެ 4 ވާ އާދިއްތަ ދުވަހު އެ ސަރަހައްދާ ހަމައަށް މަގު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
އެ މަގުގެ މަރާމާތަށް ފަހު އާންމުންނަށް ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ލިބޭނެ އެވެ. މިހާރު މަގު ބަންދުކޮށްފައިވާތީ އެ ރޫޓަށް ބަސް ދަތުރުތައް ވެސް ވަނީ ހުއްޓާލައިފައެވެ.



