މަގުކޮންނަ ފަރާތުގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ގެއްލުންވެއްޖެ ނަމަ، ކޭބަލް މަރާމާތު ކުރުމަށް ދާ ޚަރަދު އެފަރާތަކުން ހޯދުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން އިއްޔެ ބުނެފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ މިފަހަކަށް އައިސް މަގުކޮނުމުގެ ތެރޭގައި އެކުންފުނީގެ ކަރަންޓު ވިއުގާގައި ހިމެނޭ ކޭބަލްތަކަށް ގެއްލުންވެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުން އިތުރުވެފައިވުމާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
މިކަމާ ބެހޭގޮތުން ސްޓެލްކޯއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މަގު ކޮނުމުގެ އެކި މަސައްކަތްތަކުގެ ތެރެއިން އެކުންފުނީގެ ކަރަންޓު ވިއުގާގައި ހިމެނޭ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓު ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކާއި ދިތަތައް ދިމާވަމުންދާ ކަމަށެވެ. އަދި މިފަދަ ހާދިސާތައް ދުވަހެއް ދުވަހަށް އިތުރުވަމުން ދިއުމާއި އެކު، މަގު ކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ފަރާތްތަކުގެ އިހުމާލުން މިފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެފަރާތެއް ޒިންމާދާރު ކުރުވުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ކަރަންޓު ކޭބަލަށް ގެއްލުންވީ މަގުކޮންނަ ފަރާތުން ބަލަން ޖެހޭ ވަރަށް ނުބަލާ މަސައްކަތް ކުރިއަށް ގެންދިއުމުން ނުވަތަ އިހުމާލުން ކަމަށްވާނަމަ، އެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތްދޭން ހިނގާ ހަރަދު އެ ފަރާތެއްގެ އަތުން ނެގުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ މި ނިންމުމަކީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކޮށް، ހިދުމަތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤުސަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މަގު ކޮނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދަވާ ހުރިހާ ފަރާތްތަކުންވެސް ސްޓެލްކޯގެ ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މަސައްކަތްތައް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.



