ލޭ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި، އެ މީހަކު ހުރި ތަނަކަށް ގޮސް ލޭ ނެގޭނެ މޯބައިލް ޚިދުމަތެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ަދައުލަތުގެ މީޑިއާއިން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގީލާ ވަނީ ލޭ ހަދިޔާކުރާނެ މީހުން ހޯދުމުގައި ގިނަ ދަތިތަކެއް ދިމާވާކަން ފާހަގަކުރައްވާފައެވެ.
”ދެން އަޅުގަނޑުމެންނަށް އެނގޭ ލޭ ދިނުމަށްޓަކައި އަންނަ ފަރާތްތައް ބައެއް ފަހަރު ހަމަ އެ ކްރައިޓީރިއާ އެ މީހުންގެ ފުރިހަމަ ނުވުމުގެ ސަބަބުން ލޭ ނުދެވޭ ގޮތް އެބަވޭ. މިހާލަތަށްވެސް ވަރަށް ގިނަ ދިވެހިން އެބަ ހުށަހެޅިގެންދޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
ލޭ ހަދިޔާކުރުމަށް ދިމާވާ އިތުރު ގޮންޖެހުމެއްގެ ގޮތުގައި ވަޒީރު ވަނީ، ވަގުތުގެ ދަތިކަމުގެ ސަބަބުން ލޭ ދިނުމަށް ސެންޓަރުތަކަށް ދާން ބައެއް މީހުންނަށް އުނދަގޫވާކަން ފާހަގަކުރައްވާފައެވެ. މިކަމަށް ލުޔެއް ހޯދައިދިނުމަށް ޓަކައި އެ މީހަކު ހުރި ތަނަކަށް ގޮސް ލޭ ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ޚިދުމަތެއް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާކަމަށް ގީލާ ވިދާޅުވިއެވެ.
”…އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ ލޭ ދިނުމަށް އެދޭ ފަރާތްތަކަށް ވީހާ ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް. މިގޮތުން އަޅުގަނޑުމެން ވަރަށް އަވަހަށް ތައާރަފު ކުރާނަން ލޭ ދިނުމަށްޓަކައި މޯބައިލް ޚިދުމަތެއް، ރައްޔިތުންނާ ވީހާ ވެސް ގާތަށް ގޮސް އެ މީހުންގެ ލޭ ނަގާ އަދި ސްޓޯރޭޖް ފެސިލިޓީތަކަށް ގެންދިއުން.“ މިނިސްޓަރު ވިދާޅުވިއެވެ.
ލޭ ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ލޭ ރައްކާކުރެވޭ ހަތަރު ބްލަޑް ބޭންކެއް އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ކަމަށް ވެސް ގީލާ ވިދާޅުވިއެވެ. އެފަދަ ފިޔަވަޅުތައް އެޅިކަމުގައި ވީނަމަވެސް ލޭ ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރެވޭނީ ލޭ ހަދިޔާކުރާ މީހުން އިތުރުކުރެވިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.



