އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ”މަޢުރިފާ“ ފޮތް މައުރަޒު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
އެ މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 3 އަށް (ބުރާސްފަތި، ހުކުރު އަދި ހޮނިހިރު) އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފޮތް މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މި މައުރަޒުގައި ޖުމްލަ 22 ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ރާއްޖޭގެ ބޮޑެތި ބުކްޝޮޕްތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މުވައްސަސާތަކާއި އަދި އަމިއްލަ ފޮތް ލިޔުންތެރިން ހިމެނެއެވެ. މި މައުރަޒުން ކުޑަކުދިންނަށް ޚާއްސަ ވާހަކަފޮތްތަކާއި، ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ ފޮތްތަކާއި، ދިވެހިބަހަށް ޚާއްޞަ ޢިލްމީ ފޮތްތަކުގެ އިތުރުން ވެސް ގިނަ ކެޓަގަރީތަކެއްގެ ފޮތްތައް ގަންނަން ލިބޭނެއެވެ.
މިއަހަރު މުޅިން އަލަށް ކުރިއަށްގެންދާ ޚާއްޞަ ކަމެއްގެ ގޮތުން، ލިޔުންތެރިންގެ ތަޖުރިބާ ޙިއްޞާކުރުމަށް ޚާއްޞަ ”ކޯނާއެއް“ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯނާ ޤާއިމުކުރުމުގެ މަޤްޞަދަކީ ލިޔުންތެރިން، އެބޭފުޅުންގެ ފޮތްތަކާބެހޭގޮތުން ތަޖުރިބާ ޙިއްޞާކުރުމާއެކު، ޒުވާން ޖީލު ލިޔުންތެރިކަމާއި ފޮތް ކިޔުމަށް ލޯބިޖެއްސުމެވެ. އަދި ޑޮކްޓަރ އާމާލް ޢަލީގެ ފޮތް ހުށަހެޅުއްވުން ވެސް މި ކޯނާގައި ކުރިއަށްދާނެއެވެ.
މީގެއިތުރުން، މިއަހަރު މައުރަޒަށް ޒިޔާރަތްކުރ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންމެ ދުވަހަކު 1،000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުލުން އޮންނާނީ ކޮންމެ ރެއެއްގެ 22:00 ގައެވެ.



