ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމްގެ 8 ވަނަ ޕްރޮގްރާމް މިރޭ އޮންނާނެއެވެ.
މި ފޯރަމްގެ މަޤުސަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްސީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ.
އެގޮތުން މިނިސްޓްރީތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު މިފޯރަމުން ފަހިވެގެންދެއެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ:
° އިކޮނޮމިކް އެންޑް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސަޢީދު
° ޑިފެންސް އެންޑް ނޭޝަނަލް ސާވިސަސް މިނިސްޓަރު ޙަސަން ރަޝީދު
° ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
ފޯރަމް އޮންނާނީ 21:00 ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރެވޭނެއެވެ.
މީގެއިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ.
މިއީ ދެ ގަޑިއިރަށް ކުރިއަށްދާ ފޯރަމެކެވެ.



