ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ ކުންފުނިން ތައާރަފު ކޮށްފިއެވެ.
ޕޯސްޓުން މިއަދު ބުނީ، ކަސްޓަމަރުން ޗެކްއައުޓް ކުރާ ގަޑީގައި ”ޕޭ ތްރޫ މޯލްޑިވްސް ޕޯސްޓް“ އިހުތިޔާރު ކުރުމަށްފަހު، އެތަނުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށެވެ.
މިގޮތަށް ފައިސާ ދައްކާއިރު (ޝަރުތު ހަމަވާ) ކަސްޓަމަރުން ބޭނުންވާނަމަ ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށް ޕޭމެންޓް ލިންކެއް ގްލޯބަލް ދުކާން މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް ޕޯސްޓުން ބުންޏެވެ.
މި އާ ހިދުމަތަކީ ގްލޯބަލް ދުކާން މެދުވެރިކޮށް ތަކެއްޗަށް އޯޑަރު ކުރާއިރު ބޭރުގެ ފައިސާއިން މުއާމަލާތްކުރާ ބައިނަލްއަގުވާމީ ޕޭމެންޓް މެތަޑުތަކުގެ ބަދަލުގައި، ދިވެހި ރުފިޔާއިން ވެސް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމުގައި ޕޯސްޓުން ބުނެފައިވެއެވެ.
މީގެއިތުރުން ޕޯސްޓުން ބުނީ، ކުރިއެކޭވެސް އެއްގޮތަށް، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓު ގުޅިގެން އިންޑިއާގެ މާކެޓްޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ތަކެތި ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދޭނެ ކަމަށެވެ. ގްލޯބަލް ދުކާން އިން ވިޔަފާފި ކުރުމަށް އިންޑިއާގެ އެޑްރެހެއް ބޭނުމެއް ނުވެއެވެ.



