ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މި މައްސަލައިގައި 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މުހައްމަދު އަނިލް (39އ.) އެވެ.
އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އޭނާ ތައިލޭންޑުގެ ބެންކޮކުން ވިއެޓްނާމަށް ދިއުމުން ހާން ހޯއާ ޕްރޮވިންސްގެ ކާމް ރަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން އޭނާގެ ލަގެޖާއި އަތުން ގެންދިޔަ ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ދައްކައިގެން އިތުރަށް ބެލިބެލުމުންނެވެ.
އެގޮތުން ބެލި ބެލުމުން އޭނާގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައިވާ ކަމަށް ރިޕޯޓުތަކުން
އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1،545.6893 ގްރާމް ހުރިއިރު، އޭގެ ތެރެއިން 1،067.2293 އަކީ މެފެޑްރޯންއެވެ. ބާކީ 478.46 ގްރާމަކީ އަލްފާ-ޕައިރޯލިޑިނޯފެންޓިއޯފެނޯން (އަލްފާ-ޕީއައިއެޗްޕީ) އެވެ. މިތަކެތި އޭނާގެ އަތުން ފެނުނު ނަމަވެސް އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި ނޮވެމްބަރު 7 ވަނަ ދުވަހު އޭނާ ބެންކޮކު ހޮޓަލެއްގައި ހުއްޓާ ”އަފޫ“ ނަމަކަށް ކިޔާ އޭނާ ދަންނަ މީހަކު ވަނީ އަނިލްއާއި ބައްދަލުކޮށްފައެވެ. އެ މަސައްކަތް އަފޫ އޭނާއާއި ހަވާލުކޮށްފައިވާއިރު، އޭނާއާއި ހަވާލުކޮށްފައިވަނީ 6 ޕެކެޓުގެ މަސްތުވާތަކެތި ވިއެޓްނާމަށް ގެންދިއުމަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.
މީގެއިތުރުން ޕަޓާޔާގައި ދިރިއުޅެމުން އަންނަ އަފޫ ވަނީ އަނިލް ވިއެޓްނާމަށް ދިއުމުން މަސްތުވާތަކެއްޗާއި ހަވާލުވުމަށް މީހަކު ގުޅާނެ ކަމަށް ބުނެފައެވެ.



