ފުލުހުންގެ ނަމުގައި ސްކޭމް މެސެޖުތަކެއް އެކި މީސްމީހުންނަށް ފޮނުވަމުންދާތީ އެ ކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ ވައިބާ ފަދަ މެސެޖު ކުރެވޭ އެޕްލިކޭޝަންތައް މެދުވެރިކޮށް، ސްކޭމް ހިންގަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ ސްކޭމް ހިންގާ މީހުން ބޭނުންކުރަނީ ރާއްޖެއިން ބޭރުގެ ނަމްބަރުތައް ކަމަށެވެ. އަދި އެއީ 48+ އިން ފެށޭ ނަމްބަރުތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެކައުންޓްތައް ހަދާފައި ހުންނަނީ ”Maldive Police“ ފަދަ ނަންނަމުގައެވެ.
އެހެންކަމުން، އެ ކަމަށް ސަމާލުވާން އެދި ފުލުހުން ބުނީ، އަމިއްލަ މައުލޫމާތު އޯޓީޕީ ނުވަތަ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ކަންކަމުގައި ފުލުހުން ވައިބާ ނުވަތަ އެ ނޫން ގޮތަކަށް ވެސް ނުގުޅާނެ ކަމަށެވެ.
ފުލުހުން ވަނީ އެ މީހެއްގެ އަމިއްލަ މައުލޫމާތު ހިއްސާ ނުކުރުމަށް އެދިފަ އެވެ. އެގޮތުން ބޭންކް އެކައުންޓުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ނުވަތަ ޕާސްވޯޑް ފަދަ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ބޭރު ނަމްބަރުތަކުން ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމާއި ރާއްޖޭގެ ރަސްމީ އިދާރާތަކުން ބޭރުގެ ނަމްބަރުތައް ބޭނުންކޮށްގެން މެސެޖުކުރާ އެޕްލިކޭޝަންތަކުން މުއާމަލާތެއް ނުކުރުމަށް ވެސް ފުލުހުން އެދެއެވެ.




