ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އުދަރެސް އަށެއް ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
ވެއްޓިވައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ވެއްޓުނު ކަމަށް ބެލެވެނީ އެ ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓި ޖެހުމާއެކު ވަނީ ނިޔާވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުން ކުޑަ ދެ ކުދިން ވެއްޓުނު ދެ ހާދިސާއެއް ދާދި ފަހުން ވަނީ ހިނގައިފައެވެ. އެގޮތުން އޯގަސްޓު މަހުގެ 31ގައި، އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައެވެ. އޭގެ ޖެހިގެން އައި ދުވަހު، ސްޓެލްކޯ ފުލެޓަކުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި ވަނީ މަރުވެފައެވެ.
އެ ހާދިސާތަކާ ގުޅިގެން، އެފްޑީސީގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް، ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަ ކުރުމުގެ މަސައްކަތްތައް މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނިން ފެށިއެވެ. އަދި ފުލެޓުތަކުގެ ޔުޓިލިތީ ބެލްކަނިތައް އުސޫލާ އެއްގޮތަށް ބަދަލުކުރަން މަސް ދުވަހުގެ މުއްދަތެއް، މިދިޔަ މަހުގެ 28ގައި އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.



