ރޭ ދަންވަރު 02:55 ހާއިރު، ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށާއި އޭގައި 3 މީހަކު ދަތުރުކޮށްފައިވަނީ ވަންވޭއާ އިދިކޮޅަށް ކަމުގައި ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓާ ގުޅިގެން 5 މީހަކަށް އަނިޔާވެ މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ހާދިސާގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗް އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން ބުނީ، ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށް ކަމަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް މީހެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




