ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަޤުސަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތުން ޒުވާނުންނަށް އަމަލީ ތަމްރީނުދީ، ކާމިޔާބު މުސްތަޤުބަލަކަށް މަގުފަހިކޮށްދިނުމެވެ. މި އެއްބަސްވުމުގެ މުއްދަތަކީ، ފަސް އަހަރު ދުވަހެވެ.
ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރެއްވީ، މިނިސްޓަރު މުޙައްމަދު އަމީންއެވެ. އަދި ސްޕޯޓްސް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ހުޅުވައިދޭ މުހިންމު ފުރުސަތެކެވެ. މި ޕްރޮގްރާމުގެ ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި ތަމްރީނު ހާސިލުކުރާނެއެވެ.
މިގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން އަމަލީ މަސައްކަތްތައް ދަސްކޮށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.




