އިއްޔެ ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ނުރައްކާތެރިކޮށް ދުއްވަނިކޮށް ސައިކަލުންޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ވަންވޭއިން އިދިކޮޅަށް ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ. ތިން މީހުން އަރުވައިގެން ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން އިއްޔެ ބުނެފައިވެއެވެ.
އެ ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗް އިން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އަނެއް ތިން މީހުންނަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށެވެ.
މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދިއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


