އަމިއްލަ ސިއްޙަތަށް އިސްކަންދީ، އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭނަމަ ވަގުތުން އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ގޮވާލައްވަފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް މިއަހަރު ކަނޑައަޅާފައިވާ ތީމުން ވަރަށް މުހިންމު ޙަގީގަތެއް ހާމަކޮށްދޭ ކަމަށާއި ކެންސަރާ ގުޅޭ ފަރުވާއަކީ ހޭލުންތެރިވުމުން ފެށޭ ފަރުވާއެއް ކަމަށެވެ. އެގޮތުން، ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަކުރެވި ސުވާލު އުފައްދައި އެއަށް ޖަވާބު ހޯދަން ހިތްވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ އަންހެނުން އުރަމަތީގެ ކެންސަރު ތަހައްމަލު ކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ މި ބަލި އެކަކަށް ޖެހުނު ނަމަވެސް އޭގެ އަސަރު އެތައް ބަޔަކަށް ކުރާ ކަމަށެވެ. އެހެންވެ އުރަމައްޗަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ އެފަދަ ބަދަލެއް ފާހަގަކުރެވޭނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ބާރު އަޅަންޖެހޭ ކަމަށައި ދުރާލައި ބަލި ދެނެގަނެވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން އަވަހަށް ފަރުވާ ފަށައި، ބަލިން ސަލާމަތްވުމަށް އޮތް ފުރުސަތު ބޮޑުވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
”މިއަދު މިވާހަކަ އަޑުއަހާ ކޮންމެ އަންހެނަކަށް ބުނެލަން ބޭނުންވަނީ އަމިއްލަ ސިއްޙަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ލަސްނުކުރައްވާށޭ. އަމިއްލަ ސިއްޙަތަށް އިސްކަންދެއްވާ. ފުރަތަމަ ފިޔަވަޅު އަޅައި، ސިއްޙީ ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވާ. އެ ވެދާނެ އެއީ އަމިއްލަ ނަފުސަށްޓަކައި އަދި ލޯބިވާ މީހުންނަށްޓަކައި ނިންމާ އެންމެ މުހިންމު ނިންމުމަށް،“ ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބައްޔަށް ފަރުވާ ހޯދުމަށް ބާރުއެޅުމަކީ ސިއްޙީ ދާއިރާގެ މަސައްކަތުގެ އެއްބައި ކަމަށާއި އެ ފަރާތްތަކުން ފަރުވާ ހޯދަން އައުމުން އެ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެންވާނެ ކަމަށެވެ. އެގޮތުން، ކޮލިޓީ ރަނގަޅު މެމޮގްރަފީ އާއި އަލްޓްރަސައުންޑާއި ބަޔޮޕްސީ އާއި ޕެތޮލޮޖީއަކީ ބަލި ދެނެގަތުމަށް މުހިންމު ކަންކަން ކަމަށް ވިދާޅުވިއެވެ.



