”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އުފައްދަވާފައިވާ ވަޤުފު ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.
ރައީސް މުޢިއްޒު މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އެމަނިކުފާނުގެ ޚާއްސަ ޤަރާރަކުން މިދިޔަ މަހުގެ 12ވަނަ ދުވަހުއެެވެ.
”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ އަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދެވި ކުންފުންޏެކެވެ.
އެގޮތުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް އެ ކުންފުނިން ކުރާނެއެވެ.
ރައީސްގެ ޤަރާރުގައި ވަނީ އެ ކުންފުނީގެ ދަރަންޏަށް ޝަރުޢީ ބޭނުންތަކަށާއި އެހެން ހުރިހާ ހާލަތެއްގައިވެސް ސަރުކާރުން ޒިންމާވާނީ ކުންފުނީގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންނަށް ސަރުކާރުން ދައްކާފައި ނުވާނަމަ އެ މިންވަރަަކަށްކަމަށެވެ. އަދި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ 1،000،000 ރުފިޔާގެ ހިއްސާގެ މައްޗަށް ބަހާލާފައިވާ 100 މިލިޔަން ރުފިޔާކަމަށް ޤަރާރުގައިވެއެވެ.
އެ ކުންފުނީގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އައްޝައިޚް ޢިއްޒަދީން ޢަދުނާނެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ޔާމީން އިދުރީސްއެވެ.
ވަޤުފު ކުންފުނީގެ ބޯޑު މެންބަރުން:
– ހުސައިން ޝާމް އާދަމް
– ޑރ. މުޙައްމަދު ޝުޖާޢު
– މަރްޔަމް ނިހާޔަތު
– ޢަބްދުﷲ ޢަލީ
– މުޙައްމަދު ޙިލްމީ
ރާއްޖޭގައި ދީނީ ކަންކަމަށް ބޮޑެތި ހޭދަތައް ކުރަން ބޭނުންފުޅުވާކަމަށާއި އެކި ސަރަހައްދުތަކުގައި ޒަމާނީ އުސޫލުތަކަށް މިސްކިތްތައް ބިނާކުރަން ބޭނުންފުޅުވާކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.




