މޯލްޑިވްސް ޕޯސްޓް ހެޑް އޮފީހުގެ ގްރައުންޑް ފްލޯރ ގައި ބޮޑެތި ޕާރސަލް އަށް ޚާއްސަކޮށް ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފިއެވެ.
މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސް އަޙްމަދު އެވެ.
މިއީ، ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކޮށް، ފުޅާކުރުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ދަށުންނާއި އަދި ވަކިން ޙާއްސަކޮށް ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމްކުރެވުނު ޕިކްޕޯސްޓް ސްޓޭޝަނެކެވެ.
އީކޮމާރސް ސަބަބުން ޕޯސްޓްގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލް އިތުރުވުމާއި އަދި މޭލްގެ ލޭންޑްސްކޭޕްއަށް އައިސްފައިވާ ބަދަލުތަކާއެކު، ބޮޑެތި ޕާރސަލްތައްވެސް ޕިކްޕޯސްޓްގ ޑެލިވަރީ ނިޒާމުގެ ތެރެއިން ލިބުމަށް ޚިދުމަތުގެ އަހުލުވެރިން ކުރަމުން ދިޔަ އުންމީދުތަކަށް ރިޢާޔަތްކޮށް ޕޯސްޓުން އެޅި މުހިންމު ފިޔަވަޅެކެވެ.
މިގެނެވުނު ބަދަލާއެކު، ބޮޑެތި ޕާރުސަލްތައް ލިބުމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، އަދި ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު މަތި ވެގެންދާނެކަމަށް ގަބޫލުކުރެވެއެވެ.
ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ އަމާޒަކީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފަރުމާކޮށް ފޯރުކޮށްދިނުމާއި، ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ފަހި މާހައުލެއް ގާއިމްކޮށް ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުމެވެ.


