ދިވެހި ތިން ފިލްމީ ތަރިން ހިމެނޭހެން މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.
އޭގެތެރެއިން 3 މީހުންނަކީ ފިލްމީތަރިންތަކެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެމީހުންގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
”ސައުވީސް“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ފިލްމީތަރި އަހުމަދު އަޒްމީލް (އަޒޭ) އާއި އޭނާގެ ކޮއްކޮ ޝާހިލްގެ އިތުރުން ފިލްމީތަރި މުޙައްމަދު ވިޝާލް (ރޯމަން) އާއި ފިލްމީ ތަރި އިސްމާއިލް ޖުމާހު އެވެ.
އެނގިފައިވާ ގޮތުގައި މިއަދު މެންދުރު 12:30 ހާއިރު ފުލުހުން ވަނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ އެތަން ބަލައިފާސްކޮށްފައެވެ. އަދި އެތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.



