މިދިޔަ މަހުގެ 20 ވަނަ ދުވަހުގޭ ދަންވަރު މާލޭގެ ސޯސަން މަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ނުރައްކާތެރިކޮށް ސައިކަލް ދުއްވި ތ. ދިޔަމިގިލި، އައްސޭރި / މާހު ހަސަން (21އ.) އެންމެ ފުރަތަމަ ބަންދުކުރީ 15 ދުވަހަށެެވެ. އެ މުއްދަތު ހަމަވުމުން، އުމުރުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައެވެ.
މާހުގެ ފުރަތަމަ ބަންދު އަމުރުން އެނގޭ ގޮތުގައި އެކްސިޑެންޓުވީ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވަނިކޮށް އެހެން ސައިކަލްގައި ޖެހިގެންނެވެ. އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ވެސް ނޯވެއެވެ.
އޭނާގެ ސައިކަލުން ޖެހުނު ސައިކަލްގައި ތިބި ދެ މީހުންގެ ތެރެއިން ފަހަތުގައި އިން އަންހެން މީހާގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭނާއަށް ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ސީރިއަސް އަނިޔާތަކެއް ލިބުނު އެ އަންހެން މީހާއަށް ހަތަރު ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް އޭނާގެ ހާލަތު ގޯސްވެ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ނިޔާވެފަ އެވެ. ނިޔާވީ ށ. ފޯކައިދޫ، މަގުމަތީގޭ / އާއިޝަތު މާހިދާ (26އ.) އެވެ.



