އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއްނެތި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ޕާސްޕޯޓް ދޫކުރުމަށް ބައެއް ބަދަލުތައް މިދިޔަ އޮގަސްޓުމަހުގެ 27 ވަނަ ދުވަހު ވަނީ ގެނެސްފައެވެ. މި ބަދަލު ގެންނަން ނިންމީ، ޕާސްޕޯޓު ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައާ ގުޅިގެން ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިނިސްޓަރު އިޙްސާން ވިދާޅުވީ ގެނައި ބަދަލުތަކާއެކުވެސް ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނާއި ބޭސްފަރުވާއަށްދާ ފަރާތްތަަކަށް އިސްކަންދީގެން ޕާސްޕޯޓު ދޫކުރަމުން އައިކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ޕާސްޕޯޓުގެ ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެ، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ ސްޓޮކް ލިބޭނެކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްފަދައިން ޕާސްޕޯޓް ދޫކުރަން ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.
”ނޯރމަލް އޮޕަރޭޝަން ސަންޑޭއިން ފެށިގެން ކުރިއަށްދާއިރު އެހިސާބުން ފެށިގެން ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް މިހުރި 39 ލޮކޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭނަން. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕާސްޕޯޓެއް އިޝޫކުރުމަށް އެބަނަގާ 28 ދުވަސް، 40 ދުވަސް، 1 މަސް ދުވަސް އެބަނަގާ ބައެއް ފަހަރު. އަޅުގަނޑުމެން ނޯރމަލް ހާލަތައް ގެނެވުނީމަ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓެއް ހަދާ ނިންމާނެ.“ އިޙްސާން ވިދާޅުވިއެވެ.




