ރާއްޖޭގެ ސިއްޙީ ދާއިރާ ދަތުރުކުުމުންދަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ރާއްޖެއެއް ބިނާކުރުމުގެ އަމާޒަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދާ އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ފަސްޓްލޭޑީ ވިދާޅުވީ ނަފުސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ބަހާއެއް ކަމަށާއި ވަކިން ޚާއްސަކޮށް އިސްރަށްވެހިންގެ ނަފުސާނީ އުފާވެރިކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އިސްރަށްވެހިންނަކީ ޤައުމުގެ އެންމެ ޢިއްޒަތްތެރި އަދި ގަދަރުކުރެވޭ ފަރާތްތަައް ކަމަށާއި އެއީ ޤައުމު މި ހިސާބަށް ގެނައުމުގެ އެންމެ ބޮޑު ގުރުބާނީއެއްވެ ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ބިނާކޮށް ޚިދުމަތުގެ މައިދާނަށް ހަދިޔާކުރި ފަރާތްތައް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އިސްރަށްވެހިންނަކީ ޤައުމުގެ ހަރުދަނާ ތަނބުތައް ކަމަށާއި އެފަރަތާތްކަށް ކަމޭހިތުމަކީ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން، އިސްރަށްވެހިންގެ ރައްކާތެރިކަމާބެހޭ ހުރިހާ ދާއިރާއަކަށް މުސްލިމުން ޚާއްސަ ފަރުވާއެއް ބަހައްޓަންޖެހޭކަމަށާއި ޚާއްސަކޮށް، އެ ފަރާތްތަކުގެ ނަފުސާނީ، ޖިސްމާނީ އަދި އިޖުމާޢީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނުތުންވުން ލިބިފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ދިވެހިރާއްޖެއެއް. އިރާދާކުރެއްވީތީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ މިއަމާޒަށް. ވަކި ޚާއްސަކޮށް އިސްރަށްވެހިންގެ މަރުކަޒުތައް މި ފާއިތުވި ދެތިން އަހަރު ތެރޭގައި މިދަނީ ހުޅުވެމުން. އެ މަރުކަޒުތަކުގައި މިހާރުވެސް އަގުހުރި އެތައް ހަރަކާތްތަކެއް އެބަ ހިންގޭ. އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ އެތައް ވަގުތުތަކެއް އެތަންތާގައި އެބަ ހޭދަކުރެވޭ. ކުރިއަށް އޮތްތާގައި އެ މަރުކަޒުތަކުގެ ދައުރު ފުޅާވެގެންދާނެކަން ޔަޤީން.“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.




