ނަފުސާނީ ދުޅަހެޔޮކަން ޤާއިމުކުރުމުގައި މުޖުތަމަޢުގެ ދައުރު ބޮޑު ކަމަށާއި، އެންމެ މުހިންމު އެއް ކަމަކީ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
އެގޮތުން ޤީލާ ވިދާޅުވީ ނަފުސާނީ ސިއްހަތުގެ މައްސަލައަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު އެބައްޔަކަށް ހުށަހެޅި ތަހައްމަލް ކުރަމުންދާ މައްސަލައެއް ކަމަށެވެ.
ނަފްސާނީ ސިއްހަތުގެ މައްސަލައާއި ގުޅިފައި ހުރި އެހެނިހެން ސިއްހީ މައްސަލަތައްވެސް ހުރިކަން ފާހަގަކުރައްވަމުން ޤީލާ ވިދާޅުވީ މިކަމުގައި އެންމެ މުހިންމުކަމަކީ ރައްޔިތުން މިކަމަށް ހޭލުންތެރިވުން ކަމަށެވެ.
”މިފަދަ ބައްޔެއްގައި އަޅާލުމާއި އޯޤާތެރިކަން ފޯރުކޮށްދޭނެ ބަޔަކު މުޖްތަމައުގައި އުފެދިގެން ދިޔުން މުހިންމު، ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަޤްސަދަކީވެސް ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުން“ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.



