އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއިން ބުނެފިއެވެ. އަމީނީ މަގު ސެގްމަންޓް 3ގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 4ވަނަ ދުވަހުއެވެ.
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން 3 ވަނަ ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީއިން ބުނީ، އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ލަފާކުރެވޭ ގޮތުން ހޯމަ ދުވަހު ނިމޭނެ ކަމަށެވެ. އަދި އެއަށްފަހު މި ހަފުތާގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އެމްޓީސީސީއިން ވަނީ ލަފާކޮށްފައެވެ.
އެމްޓީސީސީން ބުނީ ސެގްމަންޓު 3ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި، ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ސެގްމަންޓް 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.




