ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލޭން އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެ އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ނުވަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ މީހުން ކަމަށްވާ، ރަޖި ރަޖަ ކުމަރް (47އ) އާއި، ނަޑަން ވިންސެންޓްރަޖް ޕޮން (54އ) އެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް ދެ މީހުން ވެސް މިހާރުވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިކަން ފުލުހުން ހާމަކުރިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



