ރަސްމާލޭގައި ތަރައްގީކުރާ ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި ރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމުގައިވާ އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް، އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް ”ސަން“ އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޢައްބާރު ވިދާޅުވީ މިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާއެކު ސޮއިކުރީ މަޝްރޫއުގެ ވިޔަފާރީގެ މައިގަނޑު އުސޫލުތައް އެކުލެވޭ ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި ކަަމަށެވެ.
އެކަމަށްޓަކައި ދުބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިި ސަރުކާރުގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ފަހު އެގްރިމެންޓާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޢައްބާރު ވިދާޅުވީ، އެ އެގްރިމެންޓުގައި ސޮއިކުރިނަމަވެސް އަމަލީ މަސައްކަތް ފެށުމަށް ގާތްގަނޑަކަށް އެއް އަހަރު ދުވަސް ނަގާނެ ކަމަށެވެ.
”ޖުމްހޫރީ ދުވަހު ސޮއިކުރެވޭނެ ކަމަށް އުންމީދުކުރަން،“ ޢައްބާރު ވިދާޅުވެފައިވެއެވެ.
އަމަލީ މަސައްކަތް ފެށުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭކަން ފާހަގަކުރައްވަމުން ޢައްބާރު ވިދާޅުވީ، އޭގެ ތެރޭގައި ތަފުސީލީ ޑިޒައިންތައް ހެދުމާއި، ތިމާވެށީގެ ދިރާސާތައް ކުރުމާއި، ޓެންޑާ ޑޮކިއުމަންޓްތައް ތައްޔާރުކޮށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުން ހިމެނޭ ކަމަށެވެ. މި ކަންކަމަށް އާންމުކޮށް 12 މަސް ދުވަސް ނެގި ނަމަވެސް، އެ މުއްދަތު ކުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހު އެއްބަސްވުން އަދި އާންމުކޮށްފައި ނުވަނީ އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ ކަމަށާއި، އެ މަސައްކަތް ނިމުމުން އާންމުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ޢައްބާރު ވިދާޅުވިއެވެ.



