ރާއްޖެއަކީ ދަރަނިވެރި ވާނެ ގައުމެއް ކަމަށް މީހުން ގަބޫލު ނުކުރާ ކަމަށާއި އެއަށް ވުރެ ދިވެހީންގެ ވިސްނުންތެރިކަން އެބަ ހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދުވަހުން ދުވަހަށް ކަމާ ބެހޭ މިނިސްޓްރީތަކާ އެއްކޮށް ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެގޮތުން، ސިޔާސީ ވާދަވެރި ޕާޓީތަކުން އިންތިޒާރުކޮށްގެން ތިބީ ރާއްޖެ ބަނގުރޫޓު ވާނެ ދުވަހަކަށްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ”މޫޑީސް“ ގެ ރޭޓިން މައްޗަށް ދިޔުމަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާއި ބޭންކުތަށް ލިބުނު ފައިދާއެއް ކަމަށެވެ.
”ރާއްޖެއަކީ މިހާރު މީހުން ގަބޫލުކުރާ ގޮތުގައި، ދަރާނެ ގައުމެއް ނޫން. އެއަށް ވުރެ ދިވެހީންގެ ހިތްވަރު އެބަހުރި. ވިސްނުންތެރިކަން އެބަ“ މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެ ކުޑަ ނަމަވެސް، ބައިނަލްއަގުވާމީ އިގުތިޞާދުގައި ފައި ހަމަ ކުރެވޭނެ ވަރުގަދަ ގައުމެއް ކަމަށް ބޭރު ދުނިޔެއިން ގަބޫލުކުރެއެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، ކްރެޑިޓް ރޭޓިން ’ސީއޭއޭ1‘ އަށް މަތިކުރީ، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބޮޑެތި ދަރަނިތައް ދައްކައި، ކުރިއަށް އޮތް ތަނުގައި ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ބޮޑުތަނުން ކުޑަކުރެވިފައިވާތީ ކަމަށް މޫޑީޒްއިން ބުނެއެވެ.



