ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި މުދާ ގަންނަފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން އަގު ޖަހާފައިވާ ކަމަށް ބެލެވޭނެ މިންގަނޑުތަކަކީ:
– މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން
– އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން
މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.




