ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިބްރާހިމް ނަޒީމް ވަކިކޮށްފިއެވެ.
އެނާ އެ މަޤާމުން ވަކިކޮށްފައިވާކަން، ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޮޑު (ޕީސީބީ) އިން ވަނީ ޔަޤީންކޮށްދީފައެވެ.
އެގޮތުން ޕީސީބީން ބުނީ، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މަޤާމަށް އެމްޓީސީސީ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވި އަޙުމަދު ސަޢުދީ އައްޔަންކޮށްފައިވާ ކަމަށެވެ.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން ނަޒީމް ވަކިކޮށްފައިވާއިރު، އެ ކުންފުނި އުވާލައި ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ސަރުކާރުގެ އެކި އިދާރާތަކުން އާރްޑީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް އިބްރާހިމް ނަޒީމް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.


