ރާއްޖޭގެ ކުންފުނިތަކުން މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ޢަމަލީ ގޮތުން އެކަން ތަންފީޒުކުރާ މަންޒަރު ފެނުމަކީ ރާއްޖޭގައި ހެދިބޮޑުވާ ޖީލުތަކުގެ ހިތުގައި މިސްކިތްތަކަށް އޮންނަ ޤަދަރު އުފުލޭނެ ކަމެއްކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ”އުރީދޫ މަސްޖިދުނާ“ އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
”އުރީދޫ މަސްޖިދުނާ“ އަކީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމަށާއި، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އެ މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެގޮތުން މިނިސްޓަރު ޝަހީމް ވިދަޅުވީ މިފަދަ މުހިންމު ކަމެއް އުރީދޫއިން ފެށުމުން އުފާކުރައްވާ ކަމަށެވެ. އުރީދޫ އިން މިފަދަ ކަންކަމަށް އަބަދުވެސް އެއްބާރުލުން ދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ދީނީގޮތުން ބަލާއިރު މަތިވެރި މަޤާމެއް އެކަމަށް ދެވިފައިވާ ކަމެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އެގޮތުން މިސްކިތް ފަންޑާއި، ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން ފެށުމާއި، މުސްޙަފު މާލްދީބު ކުރިއަށްގެންދިއުން ފަދަ ޤައުމީ މަސައްކަތްތަކުގައި އެ ކުންފުނިން އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވާ އެކަމަށްޓަކާ މިނިސްޓަރުވަނީ އުރީދޫއަށް ޝުކުރު އަދާކުރައްވާފައެވެ.




