ސަރުކާރުން އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނިޒާމް މިއަދު އައްޔަންކޮށްފިއެވެ.
މި ބަދަލު ގެނެސްފައި މިވަނީ ފެނަކަ އުވާލައި، އެ ކުންފުނީގެ ދަށުގައިވާ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމައި، އެ ކަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ފެނަކައިގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސ. ފޭދޫ، ނެސްޕްރޯވިލާ / ޑރ. އަލީ އަޒުވަރު އަދި ޑިރެކްޓަރުންގެ ބޯޑަށް ހ. ހުދުރިޔާ / އިބްރާހިމް ނިޒާމް އައްޔަންކޮށްފައި ވަނީ މިއަދުން ފެށިގެންނެވެ.
ފެނަކައިގެ އިސް މަގާމުތަކަށް މި ބަދަލު ގެނެސްފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑުން މުހައްމަދު އަފީފް ހުސައިން ވަނީ އިއްޔެ ވަކިކޮށްފައެވެ. އަފީފް އެ މަގާމުން ވަކިކުރުމަށްފަހު މިއަދު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.



