ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރިންނަށް މާލީ ގޮތުންނާއި ތަމްރީނުގެގޮތުން ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ މީދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތްތަކާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަކީވެސް މަސްވެރިކަމެކޭ އެއްފަދައިން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމަކާއި އެހީތެރިކަމެއް ބޭނުންވާ މުހިންމު ސިނާޢަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ޒިންމާއެއް އޮތީ ސަރުކާރުގެ އަތްމަތީކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތާއި ބިންތިރި ޖަޒީރާ ޤައުމަކަށްވުމުން، އެހެން ޤައުމުތަކާ އަޅާބަލާއިރު ދަނޑުވެރިކަން ކުރުމުގައި ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންކަމުން، ދަނޑުވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.


