ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ %77 މަސައްކަތް ނިންމައި، އެ އިމާރާތުގެ ފިނިޝިން މަސައްކަތްތައް ފަށަން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރަމުން އަންނަނީ އާރްސީސީންނެވެ. އާރްސީސީން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބާލާއިރު ކޮންކްރީޓްގެ %95 މަސައްކަތް ވަނީ ނިންމާފައެވެ.
އާރްސީސީން ހާމަކުރި ގޮތުގައި އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން އަދި ފިނިޝިން މަސައްކަތްތައް ބާރަށް ކުރިއަށް އެބަދެއެވެ. އެގޮތުން، ކޮންކްރީޓް، ރާނާއި ސިމެންތި ޖެހުން، ވޯޓާޕްރޫފިން، ކުލަލުން، ދަގަނޑުގެ މަސައްކަތްތަކުގެ އިތުރުން މެކޭނިކަލް، އިލެކްޓްރިކަލް އެންޑް ޕްލަމްބިން އަދި އޭސީ ސިސްޓަމްގެ މުހިންމު މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް އެ ކުންފުނިން ބުންޏެވެ.
ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ މުށި ޖެހުމާއި، ދޮރާއި ކުޑަދޮރުތައް ހަރުކުރުމާއި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. އަދި އަލިފާން ނިއްވާ ނިޒާމާއި ލިފްޓު އަދި ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށްވެސް އާރްސީސީން މައުލޫމާތުދެއެވެ.




