ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 106 އަހަރުގެ ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޅ. ނައިފަރު، ދީދާރުގޭ / އަބްދުﷲ އާދަމެވެ.
ކަށުނަމާދު ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މަޣްރިބް ނަމާދަށްފަހު، ޅ. އުނގޫފާރުގެ މަސްޖިދުއް ދުކްތޫރު އަފްރާޝީމް އަލީ މިސްކިތުގައެވެ.
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގައި ފަހުގެ ތާރީޚެއްގައި ރަސްމީ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވަނީ، އުމުރުން 110 އަހަރުގެ މީހެކެވެ. އެއީ ސ. ހިތަދޫ މަންޒަރުގޭ / އަލީ ހުސައިނެވެ. އުމުރުން 110 އަހަރުގެ އޭނާ ނިޔާވީ 2023 ގައެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެ ބޯހިމެނުމުގެ ރިޕޯޓުން ދައްކާ ގޮތުގައި 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ އަދަދު 8،420 އަރާއިރު، 70 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންގެ އަދަދު 4،846އަށް އަރައެވެ. އަދި 75 އަހަރުން މަތީގެ މީހުންގެ އަދަދު 7،584އަށް އަރާ ކަމަށް އެ ރިޕޯޓުގައިވެއެވެ.



