”އަހާ“ ފޯރަމްގެ 10 ވަނަ ފޯރަމް މިރޭ އޮންނާނެއެވެ.
މިއީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.
މި ފޯރަމްގެ މަޤުޞަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނެމެވެ.
ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު މިފޯރަމުން ފަހިވެގެންދެއެވެ.
އެގޮތުން މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ:
° ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު
° ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު
° އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް
މި ފޯރަމް އޮންނާނީ މިރޭ 21:00 ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރެވޭނެއެވެ. މީގެއިތުރުން ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ކުރެވޭނެއެވެ. މިއީ ދެ ގަޑިއިރަށް ކުރިއަށްދާ ފޯރަމެކެވެ.
”އަހާ“ ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މި ފޯރަމްގެ ޒަރިއްޔާއިން، ސަރުކާރުގެ އެކިއެކި ދާއިރާތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމައާއި އަދި ރައްޔިތުންގެ ކަންބޮޑުވުން ހުރި ދާއިރާތަކާއި މައްސަލަތަކުގައި އެކަންކަން ޙައްލުކުރުމަށް ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތާއެކު، ކޮންމެ ތާކުން ކޮންމެ ރަށަކުންވެސް، ފޯރަމްގައި ބައިވެރިވެވޭނެއެވެ. އަދި އެ ވަޒީރެއްގެ ދާއިރާއިން ހުށައަޅަން ބޭނުން ކޮންމެ ސުވާލެއް ހުށައެޅޭނެއެވެ.
މިހާތަނަށް އަހާ ފޯރަމްގެ 9 ފޯރަމް ވަނީ ބާއްވާފައެވެ.


