ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ މަޝްރޫއަކީ އެ މަޝްރޫއު ކުރިއަށް ގެންދާ ޔޫއޭއީގެ އީގަލް ހިލްސް އިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލްއެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ގުޅިގެން އާންމުން އުފަދަމުންދާ ސުވާލުތަކަށް ޖަވާބެއް ހޯދައި އެ މަޝްރޫއާ ގުޅޭ ބައެއް ތަފްސީލުތައް ހިއްސާކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިދިޔަ މަހުގެ 29ގައި މިނިސްޓަރު މުއްޠަލިބަށް ފޮނުއްވި ސިޓީއަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންދަން އީގަލް ހިލްސްއާ އެކު ސޮއިކޮށްފައިވަނީ މާލިއްޔަތު ގަވައިދުގެ 10.22ގެ (ނ)ގެ ދަށުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު ނުވަތަ ޕްރައިވެޓް ސެކްޓާ އިނިޝިއޭޓެޑް ޕްރޮޕޯސަލް އުސޫލުގެ ދަށުން ކަމަށެވެ.
މެންބަރު މުހައްމަދު އިބްރާހިމްގެ ސިޓީގައި މައިގަނޑު 20 ކަމެއްގެ ތަފްސީލު ސާފުކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގަނެފައިވެއެވެ.
އެ ސިޓީއަށް މިނިސްޓަރު ދެއްވި ޖަވާބުތައް މެންބަރުގެ ވެބްސައިޓުގައި މިއަދު ވަނީ އާންމު ކުރައްވައިފަ އެވެ.
ކުލީގެ މުއްދަތު 99 އަހަރަށް ކަނޑައަޅާފައިވާ ގޮތް ސާފުކޮށްދެއްވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، އީގަލް ހިލްސްއާ އެކު އަދި ސޮއިކޮށްފައިވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ކަމަށާއި އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ފައިނަލް އެއްބަސްވުމުގައި ސޮއިކުރާނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެ ބިމުގެ ޕްރިމިއަމްގެ ގޮތުގައި އީގަލް ހިލްސްގެ ޖުމްލަ އާމްދަނީގެ %10 ދައުލަތަށް ދައްކަން ޖެހޭނެ ކަމަށާއި ބިމުގެ ލީސް ނުވަތަ ޕްރިމިއަމްގެ ގޮތުގައި ދައުލަތަށް 3 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ޕްރޮޕަޓީގެ އަގު މާކެޓުގައި އުފުލޭއިރު މި އަދަދު އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށާއި އޭގެ ތެރެއިން 500 މިލިއަން ޑޮލަރު ހައުސިން މަޝްރޫއަށް ހަރަދު ކުރަން ކޮމާޝަލް ޓާމްސްގައި އެއްބަސްވެފައިވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.




