އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރެއިލިން ހަރުކޮށްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓްގައި ރެއިލިން ހަރުކޮށްދީ ނިންމާފައިވާ ކަމަށެވެ.
އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ފެށި މަސައްކަތުގެ ތެރެއިން ރެއިލިން ހަރުކުރަން އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފުރުސަތުގައި ޖުމުލަ 1،011 އެޕާޓްމަންޓުން ވަނީ ރެއިލިން ހަރުކުރުމުގައި އެހީތެރިކަމަށް އެދިފައެވެ.
އެ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން މިހާތަނަށް ވަނީ 220 އެޕާޓްމަންޓެއްގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައެވެ. މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސެޕްޓެންބަރު ތިންވަނަ ދުވަހު އެޗްޑީސީން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެ ނޫން ވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މި ފަދަ މަސައްކަތްތަކުގައި އާންމުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.



