އައްޑޫ ސިޓީއާއި ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ޙަވާލުވެ، ފުރަތަމަ ބިލިންގ ސައިކަލް ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވެ، ކުންފުނީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން، މީޓަރ ރީޑިންގ ނެގުމަށްޓަކައި، ކުންފުނީގެ މުވައްޒަފުން، ރަސްމީ ޔުނިފޯމުގައި، ގޭބިސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކި ޢިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެއެވެ. ވީމާ، މި މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި، މި ކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ފެން ކުންފުނިން ވަނީ އެދިފައެވެ.
އަދި، އެމް.ޑަބްލިޔު.އެސް.ސީއިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯއްދެވުމަށްޓަކައި، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކުރައްވައި އެކައުންޓް ރަޖިސްޓްރީ ކުރުމަށް ވެސް އެދިފައިވެއެވެ.
އެމްޑަބްލިއުއެސްސީ އެޕް ޑައުންލޯޑްކުރެއްވުމަށް:
އެންޑްރޮއިޑް: https://play.google.com/store/apps/details?id=mv.com.mwsc.portal
އައި.އޯ.އެސް: https://apps.apple.com/mv/app/mwsc/id1273369072
ފެނާއި ނަރުދަމާގެ ޚިދުމަތް އެމް.ޑަބްލިޔު.އެސް.ސީގެ ދަށަށް ބަދަލުވަމުންދާ މި މަރުޙަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ޚިދުމަތަށް ބުރޫނާރައި، މެދުކެނޑުމެއްނެތި، ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކުންފުނިން ވަނީ ދީފައެވެ. އަދި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެންމެހައި ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ އެޑްރެސްތަކުގައި ވަގުތީ ކަސްޓަމަރ ސަރވިސް ކައުންޓަރުތައް މިހާރު ވަނީ ޤާއިމުކުރެވިފައެވެ:
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް އައްޑޫ ސިޓީ ބްރާންޗް: ހިރިޔާ މަގު، ފޭދޫ
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް އޮފީސް ފުވައްމުލައް ސިޓީ ބްރާންޗް: ނައިބުތުއްތު ހިނގުން، މިސްކިތް މަގު
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.


