ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު މުޙައްމަދު އިސްޙާޤް ދާރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަމބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގެންނެވީ އިއްޔެ އެވެ.
މަތީފެންވަރުގެ ވަފުދަކާ އެކު، ރައީސް މުޢިއްޒު ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވާނެއެވެ. ރައީސްގެ މި ދަތުރުފުޅަކީ އެ ދެ ބޭފުޅުންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދެގައުމުން އެމްއޯޔޫތަކާއި އެއްބަސްވުންތަކުގައި ސޮއިކުރާނެ ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.
މީގެއިތުރުން ދެކުނު އޭޝިއާގެ ގައުމުތައް ބައިވެރިވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭަޝަން (ސާކް) އަަށް އަލުން ދިރުން ގެނައުމާ ބެހޭ ގޮތުން ވެސް ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ދެ ގައުމުން މަޝްވަރާކުރާނެ ކަމަށް ޕާކިސްތާނުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ”ދަ ނިއުސް.ޕީކޭ“ އިން ބުނެފައިވެއެވެ.



