ދަތުރުފަތުރާއި ތަޢުލީމާއި ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއް މިއަދު ބަދަލުކޮށްފިއެވެ.
މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ޕާކިސްތާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަދަލު ކުރި އެއްބަސްވުންތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާގެ 2 އެއްބަސްވުމެއް ހިމެނެއެވެ. އެއީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނި ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމަކާއި ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ މިނިސްޓްރީ އާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާއެކުވެފައިވާ އެއްބަސްވުން ތަކެކެވެ.
ދިވެހި ސަރުކާރާއި ޕާކިސްތާނުގެ ސަރުކާރާ ދެމެދު ބަދަލު ކުރި އިތުރު އެއްބަސްވުންތަކަކީ:
– ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
– ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
– ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
– ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
– ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
– ދިފާޢީ (ޑިފެންސް) ދާއިރާއިން ގުޅުން ބަދަހިކުރުން
– މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
– އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އަރޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
– ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން
– އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން
– ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
– މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
– ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުން
މި އެއްބަސްވުންތަކުގެ އިތުރުން ރާއްޖޭގެ ބައެއް މުއައްސަސާތަކާއި ޕާކިސްތާނުގެ މުއައްސަސާތަކާ ދެމެދުވެސް ވަނީ އެއްބަސްވުންތަކެއް ބަދަލުކޮށްފައެވެ. އެގޮތުން، ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ތަމްރީން ކުރުމަށް ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާއެކު ވަނީ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ އާއި ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާން، ޓީސީޕީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުންތައް ބަދަލުކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މިނިސްޓަރު ހަސަން ރަޝީދާއި ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިޙްސާނާއި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި އިކޮނޮމިކް އެންޑް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުރުން ޕްރިންސިޕަލް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަސީރު އެވެ. އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފާއި ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠޯހާ ވެސް އެއްބަސްވުންތަކުގައި ސޮއި ކުރެއްވިއެވެ.




