ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދުގެ ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައި ރޭގެ ވަގުތެއްގައެވެ.
ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޫ ޒަރްދާރީއެވެ. މިބައްދަލުކުރެއްވުމުގައި ރައީސް އާއި މެޑަމް ސާޖިދާ ވަނީ ޕާކިސްތާނުގެ ރައީސާއި އެ ޤައުމުގެ ފަސްޓް ލޭޑީއާއެކު ވަކިވަކި ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ރައީސް މުޢިއްޒުއަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވާފައެވެ. އަދި، މިދަތުރުފުޅަކީ އޭގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ދަތުރުފުޅެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އެރުވި މެހެމާންދާރީއަށް ޝުކުރުދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމަށް ބައްލަވާލެއްވިއެވެ. އަދި، ވިޔަފާރި، ތަޢުލީމު، ޞިއްޙީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެވިގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.



