އާބާދީގެ ގޮތުން ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީނަމަވެސް ފަތުރުވެރިކަން ހިމެނޭހެން ރާއްޖެއަކީ އިންވެސްޓްމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖެ – ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަަވަމުންނެވެ.
ބޭރުގެ ޤައުމުތަކުގައި ބާއްވާ ބިޒްނަސް ފޯރަމްގެ ބޭނުމަކީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބޭރުގެ ޤައުުމުތަކަށް ބުނެދީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.
ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާއި ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރު ކުރެއްވުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ޕާކިސްތާނަކީ އިޤުތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ޤައުމެއްކަމަށް ދެކޭ ކަމަށެވެ. ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ އިޤުތިސާދަކީ ގުޅިފައިވާ ދެ އިޤުތިސާދުކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ، ރާއްޖެއަކީ އިންވެސްޓު ކުރުމަށް ގިނަ ދާއިރާތަކެއް ހުރި ޤައުމެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ސިނާއީ ދާއިރާތަކާއި، އިމާރާތް ކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާއަކީވެސް އިންވެސްޓުކުރުމަށް ފުރުސަތު ހުރި ދާއިރާތަކެއްކަން ފާހަގަކުރެއްވިއެވެ.
”ދިވެހިރާއްޖެއަށް ބަލާއިރު، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާ ކަމެއް ނޫން. ޖަޒީރާ ގައުމަކަށްވީތީ، މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް. ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ގައުމެއް ނޫން. ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރޭ.“ ރައީސް ވިދާޅުވިއެވެ.




